މި އަހަރުގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެއަށް އައިސްފައިވާއިރު، އެ އުޅަނދުގައި އައި 970 މީހަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރޭންސްގެ ހިދުމަތް ފޯރުކޮށްދީފިއެވެ. މި ކްރޫޒް ލައިނާ ރާއްޖެއަށް އައިސްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 12 ވީ ހޯމަ ދުވަހުއެވެ.
ރާއްޖެއަށް މިފަހަރު އައިސްފައިވަނީ “އެމްއެސް ކްރިސްޓަލް ސިމްފަނީ” އެވެ. މި އުޅަނދު ރާއްޖެއަށް އައީ ސީޝެލްސްގައި ބަނދަރުކުރުމަށްފަހު އެ ގައުމުންނެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ކްރޫޒް ލައިނާގައި 491 ފަތުރުވެރިންނާއި 479 ފަސިންޖަރުން ދަތުރުކުރިއެވެ. މި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ވަނީ ފަސޭހަކަމާއެކު ކްލިއަރޭންސްގެ ހިދުމަތް ދީފައެވެ.
ކުރީ ސަރުކާރުގައި ކްރޫޒް ލައިނާތަކާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ކްރޫޒް ލައިނާތައް ރާއްޖެއަށް އައުން މެދުކެނޑިފައި އޮތުމަށްފަހު، އެ އުސޫލުތައް އަލުން މުރާޖައާކޮށް ބަދަލުކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. މި ބަދަލުތަކާއެކު 2024 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ކްރޫޒް ލައިނާތައް އަލުން ރާއްޖެއަށް އަންނަން ވަނީ ފަށާފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް އައި ކްރޫޒް ލައިނާތަކާއި، އެ އުޅަނދުފަހަރުގައި އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިންނަކީ ޓުއާ ގައިޑުންނާއި މާލޭގައި ހިންގާ ސުވެނިއާ ފިހާރަތަކަށް އާމްދަނީ ލިބޭ މުހިއްމު އެއް ސެގްމެންޓެވެ. މި ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

