ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން، 2021 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 ވަނަ އަދި 7 ވަނަ ޕީރިއޮޑިކް ރިޕޯޓު ރިވިއުކުރުމަށް އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑުން ބޭއްވި ޚާއްޞަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ރިވިއު ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
ދިވެހިރާއްޖެއިން 11 ފެބުރުވަރީ 1991 ގައި ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ހުށަހެޅި މި ރިޕޯޓަކީ، 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ. މި ސެޝަންގައި މުޢާހަދާ ތަންފީޛުކުރުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ތަފްޞީލީ ޖަވާބުތައް ދީފައެވެ.
މި ރިވިއުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖަކަށްވެސް ކަރާމާތާއި ރައްކާތެރިކަން ލިބިގެން ބޮޑުވުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. “ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ސިޔާސަތުތަކަށް މަގުދައްކައިދޭ މުހިންމު އަސާސެއް،” ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ރައްކާތެރި އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލެއް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބު ދެއްވިއެވެ. މި ވަފުދުގައި ބަންޑާރަނައިބުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އާއި، ދައުލަތުގެ ކަމާބެހޭ އެކި ވުޒާރާތަކުގެ އިސް ބޭފުޅުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރިވިއު ސެޝަން ނިމުމުން، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި ދެވުނު މަޢުލޫމާތުތަކަށް ބިނާކޮށް، ކޮމިޓީގެ ފަރާތުން ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ރިކޮމެންޑޭޝަންތައް ދިވެހި ދައުލަތާ ޙިއްޞާކުރާނެއެވެ.

