މަސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ގއ. ވިލިނގިލީ، ޕިންކްރޯސް އަލީ ރަޝީދު (މަސްވެރި އަލިބެ) ސްޓްރޯކެއް ޖެހިގެން އިންޑިއާގައި ފަރުވާދެމުން ދަނިކޮށް ރޭ ނިޔާވެއްޖެއެވެ.
ވިލިނގިލިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އަލިބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން ހާލު ދެރަވުމާ ގުޅިގެން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އަލީ ރަޝީދަކީ މަސްވެރިކަމުގެ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ، މަސްވެރިންގެ މެދުގައި މަގުބޫލު ފަރާތެކެވެ. އޭނާ ވަނީ މަސްވެރިންގެ ހައްގުތައް ހޯދުމަށާއި، މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.
ސިއްހީ ހާލަތު ހުރިގޮތުން މިއަހަރުގެ މާޗް މަހު މަސްވެރިކަމުގެ ދާއިރާއިން ރިޓަޔާކުރުމަށްފަހު، އަލިބެ ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ވަޒީފާއާ ގުޅިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މީގެ ކުރިން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔުމަށްފަހު، ފަހުން އޭނާގެ ވިސްނުން ބަދަލުވެ އެފަދަ ފާޑުކިޔުންތައް ވަނީ ހުއްޓާލާފައެވެ. އަލިބެގެ ވަކިވެދިޔުމަކީ ވިލިނގިލީގެ ރައްޔިތުންނަށާއި މަސްވެރި އާއިލާތަކަށް ލިބުނު ފުން ހިތާމައެކެވެ.

