އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ. މިއީ ފުލުހުންގެ ޚިދުމަތުން އެދިގެން މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ޕީޖީ އޮފީހުން ބުނީ ފުލުހުން ހުށަހެޅި ހެކިތަކާއި ތަހުގީގަށް ބަލާއިރު، “ސްކޫޕު”، “ސްކޫޕު ކަންމަތި” ނުވަތަ “SKP” ގްރޫޕަކީ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. އެހެންކަމުން އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވޭ ނުވަ މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، އެ ގްރޫޕާ ގުޅުން އޮތް ކަމަށް ބެލެވޭ “އެސް ކޭ ޕީ ސްޕޯޓްސް ކްލަބް” އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އައްޑޫ ސިޓީގެ އެކި ތަންތަނުގައި އެ ގްރޫޕްގެ ނަން ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މިއީ މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން އެހެން ގްރޫޕެއްގެ މައްސަލަ ހުށަހެޅި ނަމަވެސް، އެ ފަހަރު ޤާނޫނީ ޝަރުތުތައް ސާބިތުކޮށްދެވޭ މިންވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާތީ އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް މިފަހަރުގެ ހުށަހެޅުމަކީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މައްސަލައެއް ކަމަށް އެ އޮފީހުން ދެކެއެވެ.
ޤާނޫނުގައި ބަޔާންކުރާ ގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ގޮތުގައި ބަލަނީ ޖިނާއީ ކުށްކޮށްގެން މަންފާ ހޯދުމަށް ގުޅިގެން މަސައްކަތްކުރާ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށެވެ. ކޯޓުން މިކަމުގައި ގޮތެއް ނިންމުމުން، އެ ގްރޫޕާއި އޭގެ މެންބަރުންނާ މެދު ފުލުހުންނާ ގުޅިގެން ޤާނޫނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

