ހުޅުމާލެ ފޭސް 2 އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 24 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. އެއީ:
- ޝުނީނު އަންވަރު (24އ)، ސ. ހިތަދޫ / ބިލާލުގެ
- ޙުސައިން ނާހީ ޖަމާލު (23އ)، ސ. ހިތަދޫ / ބްލޫކޯނަރ
- އަލީ ސަރީޚު އަންވަރު (23އ)، ގދ. ތިނަދޫ / ކުލުނު
- އަޙްމަދު ލުޖައިން (24އ)، ސ. މީދޫ / ހުވަދުމާވިލާ
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.

