ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ތައިލެންޑް ސަރުކާރަށާއި، މި ހާދިޘާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ވަނީ އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ހާދިޘާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު، ބެންކޮކްގެ އިރުއުތުރުން 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ ނަޚޮން ރައްޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައެވެ. އެކްސިޑެންޓްވި ރޭލަކީ ތައިލެންޑްގެ ވެރިރަށުން ފުރައިގެން އުބޮން ރައްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި ރޭލެކެވެ.
ފަހުގެ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި މިހާތަނަށް 28 މީހުން މަރުވެ، 64 މީހުން ވަނީ ޒަޚަމްވެފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ސަރަހައްދުގައި އަދިވެސް ދަނީ ކުރަމުންނެވެ.

