ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޑިޖިޓަލް ސަރވިސް” ގެ ނަމުގައި ޚާއްޞަ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
މި އައު އިދާރާ އުފެއްދެވުމާ ގުޅިގެން، މީގެ ކުރިން އެ ވުޒާރާގެ ދަށުން ހިންގަމުން އައި “ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ” (އެން.ސީ.އައި.ޓީ) ވަނީ އުވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އިދާރާ އުފެއްދެވީ “މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން” މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކުރާނެ އެންމެ އިސް އިދާރާއެއްގެ ގޮތުގައެވެ. މި މަގުޗާޓަކީ 2025 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެވި، ފާސްކޮށްފައިވާ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރެކެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، އަލަށް އެކުލަވާލި މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ އިތުރުން، އުވާލެވުނު އެން.ސީ.އައި.ޓީ އިން މިހާތަނަށް ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް ހިމެނެއެވެ.
މި އިދާރާއަށް ދައުލަތުގެ އެކި މުއައްސަސާތަކުން ފޮނުވާ ސިޓީތަކުގައި ބޭނުންކުރާނެ ރަސްމީ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ފަންނިއްޔާތުގެ ދާއިރާއިން އައު އުސްމިންތަކަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

