ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޗުއްޓީއާ ދިމާކޮށް މެލޭޝިއާގެ ކުއަލަލަންޕޫރަށާއި ތައިލެންޑްގެ ބެންކޮކަށް ކުރި ސީޒަނަލް ދަތުރުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ސްކޫލް ބަންދާއި އަހަރު ނިމޭ ޗުއްޓީއާ ދިމާކޮށް ކުރި މި ދަތުރުތަކުގެ ބޯޓުތައް އޮޕަރޭޓްކޮށްފައިވަނީ ގާތްގަނޑަކަށް ފުރިގެންނެވެ. އެގޮތުން ކުއަލަލަންޕޫރާއި ބެންކޮކް ރޫޓުން ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިއީ ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރި ދަތުރުތަކަށް ދިވެހިންގެ މެދުގައި މި ދެ މަންޒިލަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ ކަމެކެވެ.
ބައިނަލްއަގުވާމީ ދަތުރުތަކުގެ އިތުރުން، ޗުއްޓީގެ ބާރުބޮޑުވި ވަގުތު މޯލްޑިވިއަންއިން ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކޮށް، ބައެއް ފްލައިޓްތަކަށް ބޮޑެތި ބޯޓުތައް ބޭނުންކޮށްފައެވެ. އަދި އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވެސް އިތުރު ފްލައިޓްތަކެއް ވަނީ ބާއްވާފައެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަލާއިރު، ޑިސެމްބަރު މެދުތެރެއިން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް މޯލްޑިވިއަންއިން ވަނީ އިތުރު 500 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ބާރުބޮޑު މި ދުވަސްވަރު ސީޕްލޭންގެ ހިދުމަތަށް ވެސް ބޮޑު ޑިމާންޑެއް ލިބިފައިވާކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި، މި ނިމިދިޔަ ޗުއްޓީ މޫސުމުގެ ނަތީޖާއަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުފަތުރުގެ ބޭނުންތަކަށް ބަލައި، ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތައް ވަރުގަދަކުރުމަށް އެއާލައިނުން މަސައްކަތް ކުރަމުންދާނެއެވެ.
މޯލްޑިވިއަންއަކީ މިހާރު 26 އެއާކްރާފްޓްގެ ފްލީޓަކާއެކު ރާއްޖެއާއި ބޭރުގެ މުހިންމު މަންޒިލްތަކަށް ހިދުމަތް ދެމުން އަންނަ ރާއްޖޭގެ ގައުމީ އެއާލައިނެވެ.

