ގދ ފިޔޯރީން ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ ބީފާން ވޮލީ މުބާރާތް 2025 ގެ ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ފިޔޯރީ އަދި ރަތަފަންދޫ ވާފަކުރި މެޗު ފިޔޯރީން ކާމިޔާބުކޮށްފިއެވެ.
މިމެޗު އެޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ފިޔޯރީން ހަމަޔަކަށް ނޭޅެނީސް ރަތަފަންދޫގެ ބިދޭސީ ކުޅުންތެރިޔާގެ ހަމަލާތަކާއިއެކު ސެޓުވަނީ 25،21 އިން ގެންގޮސްފައެވެ.
އެހެންނަމަވެސް ދެވަނަ ސެޓުން ފެށިގެން ފިޔޯރީން މެޗުތެރެއަށް ވަދެ ދިޔައީ ރަނގަޅު ނިންމުންތަކެއް ނިންމައި މޮޅަށް ކުޅެމުންނެވެ. ވަކިން ހާއްސަކޮށް ގައުމީ ކެޕްޓަން ހައްވަ އަދި މާޖިދާގެ ކުޅުން ފާހަގަކުރެވުނެވެ. މެޗުގެ ދެވަނަ ސެޓު ތަފާތު ބޮޑުކޮށް 25،13 އިން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ފިޔޯރީން ކާމިޔާބު ކުރީ 25،21 އިންނެވެ.
މެޗުގެ ހަތަރު ވަނަސެޓު ރަތަފަންދޫގެ ކުޅުން ރަނގަޅުވި ނަމަވެސް ސެޓު ނެގޭ ގޮތެއް ނުވެއެވެ. މިސެޓު 25،20 ކާމިޔާބުކޮށް 3-1 ސެޓުން ފިޔޯރީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗު ކޯޗު ޝަރަފަށް ހާއްސަ ވެގެން ދިޔައިރު މިއީ ކޯޗުކަމުގައި 25 އަހަރަށް ފަހު އަންހެން ޓީމަކަށް ކޯޗުކޮށްދޭ ފަހަރެވެ.

