ދިވެހިރާއްޖޭގެ އެގްރޯފޮރެސްޓްރީއާއި ބެހޭ ސިޔާސަތެއް އެކުލަވާލައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
“ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026” ގެ ނަމުގައި އެކުލަވާލި މި ސިޔާސަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށް އެކުލަވާލާފައިވާ މުހިންމު ލިޔުމެކެވެ.
މި ސިޔާސަތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާރޗު (ސީއައިއެފްއޯއާރު – އައިސީއާރުއޭއެފް) އާ ގުޅިގެން ތައްޔާރުކޮށްފައިވާ ސިޔާސަތެކެވެ. މި ސިޔާސަތު ވުޒާރާއާ ޙަވާލުކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ވޯލްޑް އެގްރޯފޮރެސްޓްރީ، ޑރ. އެލިއަން އުބަލިޖުރޯއެވެ. އެ ވުޒާރާގެ ފަރާތުން މި ސިޔާސަތާ ޙަވާލުވެވަޑައިގެންނެވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑުބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ޤާއިމުކުރުމެވެ. މި ސިޔާސަތުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ޙާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން ވަނީ ބަޔާންކޮށްފައެވެ.
ޚާއްޞަކޮށް، ކަނޑޫފާތަކާއި އަތިރިމަތީގެ ގަސްގަހާގެހި ޙިމާޔަތް ކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައެކެވެ.
މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. މިގޮތުން، ދަނޑުވެރިކަމާ ގުޅުންހުރި ޖަމިއްޔާތައް ބާރުވެރިކުރުވައި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގްރޯފޮރެސްޓްރީއަކީ ރަށްރަށުގެ ގަސްކަރައިގައި ދިގަށް ހެދޭ ބޮޑެތި ގަސްތައް ކަނޑާނުލައި، އެފަދަ ސަރަޙައްދުތަކުގައި ކުރާ ދަނޑުވެރިކަމެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް ކުރާ ބިން ސާފުކޮށްގެން ކުރާ ދަނޑުވެރިކަމާ ޚިލާފަށް، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓޭނެ ގޮތަކަށް ކުރެވޭ މަސައްކަތެކެވެ. މި ސިޔާސަތު ތަންފީޒުވުމުން ރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

