ކ. ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ ކޮންކްރީޓް ޖެޓީގެ މަސައްކަތުގެ 40 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ހުރާ ބަނދަރުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، ޖެޓީގެ ހުރިހާ ކޮލަމެއް ހަރުކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބީމަށް ބޭނުންވާ ޝަޓަރިން އާއި ބާ ބެންޑިންގެ މަސައްކަތްތަކެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރުގެ ސަރަހައްދު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ކޮންކްރީޓް ޕޭވްމަންޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ހުރާގެ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށްޓަކައި، މި މަޝްރޫއުގެ ތެރޭގައި ރޭމްޕެއް ހެދުމާއި، ދޯނިފަހަރަށް ފަސޭހައިން އަރައި ފޭބޭނެ އެކްސެސް ޕްލެޓްފޯމެއް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން 120 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ޖެޓީއެއް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.
ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ދަތުރުފަތުރަށް ބޭނުންވާ ނެވިގޭޝަނަލް ލައިޓްސް އާއި ބަނދަރު ބައްތިތައް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމުން ހުރާގެ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

