ކީރިތި ރަސޫލާ ﷺ ގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި އުފުއްލެވި ބުރަތަކާއި، ތަޙައްމަލުކުރެއްވި ދަތިތަކަށް މާތްﷲ ދެއްވި މަތިވެރި އިނާމެއްގެ ގޮތުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
މުސްލިމުންގެ ތެރޭގައި ރަޖަބު މަހުގެ 26 ވިލޭރޭ ހިނގި ކަމަށް މަޝްހޫރުވެފައިވާ މި މަތިވެރި ޙާދިސާއާ ގުޅޭގޮތުން ޚުޠުބާގައި ބުނެފައިވަނީ، މިއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނާއި، ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވި ތަސައްލީއެއް ކަމަށެވެ. އަދި މިއީ ކޮންމެ އުނދަގޫ ކަމަކަށްފަހު ފަސޭހަކަމެއް ވާނެކަމުގެ ހެތްކެއް ކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އިސްރާގެ ޙާދިސާއަކީ މައްކާގެ އަލްމަސްޖިދުލްޙަރާމުން ފަލަސްޠީނުގެ އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެއްކަން ޤުރްއާނުގެ ނައްޞުން ސާބިތުވާކަން ބަޔާންކުރައްވައި، ކީރިތި ޤުރްއާނުގެ އަލްއިސްރާ ސޫރަތުގެ ފުރަތަމަ އާޔަތް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. މިއުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ކީރިތި ރަސޫލާ ﷺ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ބައިތުލްމަޤްދިސުގައި ނަމާދުކުރެއްވުމަކީ އެކަލޭގެފާނުގެ މަތިވެރިކަން ހާމަވާ ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ދަތުރުފުޅުގައި މާތްﷲ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ކަމަށާއި، ނަމާދަކީ މުސްލިމުންގެ މިއުރާޖު ކަމަށް ޢިލްމުވެރިން ވިދާޅުވާ ބަސްފުޅު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، މި ޙާދިސާއިން ލިބޭ އެންމެ ބޮޑު އެއް ޢިބުރަތަކީ އީމާންކަމާއި ހިތުގެ ޠާހިރުކަމެވެ. އެގޮތުން، މައްކާގެ މުޝްރިކުން މި ވާހަކަފުޅުތައް ދޮގުކުރި ދަނޑިވަޅުގައި، އެއްވެސް ޖެހިލުމެއްނެތި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެއްވި އަބޫބަކުރުގެފާނަށް “އައްޞިއްދީޤު” ގެ ލަޤަބު ލިބިވަޑައިގަތީ އެކަލޭގެފާނުގެ ސާބިތު އީމާންކަމުގެ ސަބަބުންނެވެ.
ހެޔޮ ޢަމަލުތަކުގެ މަތިވެރިކަމަށް އަލިއަޅުވާލަމުން، ސުވަރުގޭގައި ގަސް އިންދުމަށްޓަކައި “ސުބުޙާނަﷲ، ވަލްޙަމްދުލިﷲ، ވަލާއިލާހަ އިލްލަﷲ، ވަﷲ އަކްބަރު” ކިޔުމަށް އިބްރާހީމްގެފާނު މި ދަތުރުފުޅުގައި ރަސޫލާ ﷺ މެދުވެރިކޮށް އުންމަތަށް ނަޞޭޙަތްތެރިވެވަޑައިގެންފައިވާ ޙަދީޘްފުޅުވެސް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.
ޚުޠުބާ ނިންމާލާފައިވަނީ މާތްﷲ އަށް ތަޤުވާވެރިވުމަށާއި، މުސްލިމުންގެ ގޮތުގައި މަރުވުމަށް ގޮވާލައްވަމުންނެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ފޮނުވުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދެއްވައި، އެކަމަށް އެންމެހާ މުސްލިމުންނަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

