އއ. ރަސްދޫ ބަނދަރު ބޭރުތޮށި ލުމާއި ގޮނޑޫދޮއް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމާއި ހިލަ ޖެހުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއަކީ ރަސްދޫގެ ބަނދަރުގެ ޖާގަ އިތުރުކުރުމަށާއި، ރަށުގެ ގޮނޑުދޮށް ގިރުމުން ސަލާމަތްކޮށް ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި 104,000 ކިއުބިކް މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓާ ރިކްލެމޭޝަން ތަރައްގީކުރުމާއި، 64 މީޓަރުގެ ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 42 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓާ ޖެހުން ހިމެނެއެވެ.
މީގެ އިތުރުން، 1736 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 224 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. ބަނދަރުގެ ރައްކާތެރިކަމަށްޓަކައި ހަތަރު ނެވިގޭޝަން ލައިޓާއި 10 މަގު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 450 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 43 މީޓަރު އަދި 20 މީޓަރުގެ ދެ ކޮންކްރީޓް ބްރިޖް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 86 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށެވެ.

