ގދ ފިޔޯރީން ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ ބީފާން ވޮލީ މުބާރާތް 2026 ގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ފިޔޯރީ އަދި ރަތަފަންދޫ ވާފަކުރި މެޗު ފިޔޯރީން ކާމިޔާބުކޮށްފިއެވެ.
މިމެޗު އެޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމްގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ސެޓުގެ ފަހު ގާތްގާތުގައި ދެޓީމްވެސް ދިޔައީ ޕޮއިންޓް ހޯދަމުންނެވެ. ފަހު ޕޮއިންޓްތަކުގެ ނިންމުން ރަނގަޅުކޮށް މި ސެޓު 27،25 އިން ކާމިޔާބު ކުރީ ފިޔޯރީއެވެ.
ދެވަނަ ސެޓުގައި ފިޔޯރީން ކުޅެމުންދިޔައީ ވަރަށް ހަމަޖެހިގެންނެވެ. ރަތަފަންދޫ ސެޓުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު މި ސެޓު ތަފާތު ބޮޑުކޮށް 16،25
ކާމިޔާބުކުރިއެވެ.
ތިންވަނަ ސެޓުވެސް ފަސޭހަ ކަމާއިއެކު ފިޔޯރީން ނަގާނެކަމަށް ބެލެވުނު ނަމަވެސް މި ސެޓުގައި އެޓީމުން ފެނިގެން ދިޔައީ ސެޓު ފަސޭހަ ކޮށްލިތަނެވެ. ނަތީއްޖާއެއްގެ ގޮތުން 16،25 އިން ތިންވަނަ ސެޓު ރަތަފަންދޫއިން ކާމިޔާބު ކުރިއެވެ. މި ސެޓުގައި އެޓީމްގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.
މެޗުގެ ހަތަރު ވަނަ ސެޓުގައި ގޯސްތައް ރަނގަޅުކޮށް ފިޔޯރީން ދިޔައީ މޮޅަށްކުޅެމުންނެވެ. އަލީ ހުޒާމް، އަބްދުالله މިހާދުގެ ރަނގަޅު ނިންމުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ފިޔޯރީ ފިރިހެން ޓީމް ވަނީ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީގެ ބިދޭސީ ކުޅުންތެރިޔާ ޖަގްދަތަރް ސިންގް (11) އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މޮޅުވެސް ރަތަފަންދޫގެ މައްޗަށް ކުރިހޯދީ ފިޔޯރީންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި މިރޭ ރަތަފަންދޫ ނިކުންނާނީ ފުވައްމުލަކު ފުނާޑާއި ދެކޮޅަށެވެ. މިއީ ރަތަފަންދޫއަށް މޮޅުވާން މަޖުބޫރު މެޗެކެވެ. މިމެޗުން އެޓީމް ބަލިވެއްޖެ ނަމަ މުބާރާތުގައި ކުރިއަށްދާން އަމިއްލަ ބާރު ގާތްގަނޑަކަށް ގެއްލުނީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

