ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، ބަންގްލަދޭޝް އަތުން 1-6 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ތާވަލުގެ އެއްވަނައިގައި ރާއްޖެ ހަމަޖެހިލައިފިއެވެ. ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، މުބާރާތް ކާމިޔާބުކުރުމުގެ އުންމީދު ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް އާވެފައެވެ.
މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ނުވަވަނަ މިނެޓުގައި އިޝާން އިބްރާޙީމް (ސައްޓު) ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ޖެހިގެން އައި މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ 16 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އަލީ ޝިޔާޙް ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ޕެނަލްޓީއަކީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަ ނުދޭން ބަންގްލަދޭޝްގެ އިންތިޝާރު މުސްތަފާ ޗޯދުރީ އަތުން ބޯޅައިގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ކަމާ ގުޅިގެން އިންތިޝާރަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބަންގްލަދޭޝްގެ ޤާޒީ އިބްރާޙީމް އަޙްމަދު ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގައި ވެސް ރާއްޖެއިން ވަނީ އެޓޭކިން ގޭމެއް ކުޅެފައެވެ. އެގޮތުން 10 ވަނަ މިނެޓުގައި ރާއްކޮ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރާއްޖެއަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖޭގެ ހަވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމަކީ ރާއްޖެއެވެ. ރާއްޖެ ތާވަލުގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ނޭޕާލާއި ތިންވަނައިގައި އޮތް ޕާކިސްތާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ޗެމްޕިއަންކަން ލިބޭނީ މެޗުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މެޗު ކުޅުނު ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމަކީ 2022 ވަނަ އަހަރުގެ އެންއެސްޑީއެފް ފުޓްސަލް މުބާރާތުގައި މޮންގޯލިއާ ބަލިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ފުޓްސަލް މެޗަކުން މޮޅުވި ތާރީޚީ ދަނޑެވެ.

