ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް، މިހާރުވެސް އެ މަގާމުގައި ހުންނެވި ސައުދު އަލީ ކާމިޔާބު ކުރައްވައިފިއެވެ. ސައުދު މި ޓިކެޓް ކަށަވަރު ކުރެއްވީ މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އަހުމަދު ނަސީރު (ހުސީ) އާއި ވާދަކޮށް ކުރިހޯއްދަވައިގެންނެވެ.
ތިނަދޫ ސިޓީގެ އިތުރުން، މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށް ވެސް މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ. ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވުނު މި އިންތިހާބު މިހާރުގެ މޭޔަރ އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އާޒިމްއާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.
ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މި ޕްރައިމަރީގައި މާލޭގެ ދާއިރާތަކުން ފަސް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން 17 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެއެވެ.

