ގދ ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ރަތަފަންދޫގެ މައްޗަށް ފަސޭހަ ކަމާއިއެކު ފުވައްމުލަކު ސިޓީގެ އެކުވެރި ފުނާޑުން ކުރި ހޯދައިފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މިމެޗް ފުނާޑުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މިމެޗަކީ ރަތަފަންދޫ މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ފިޔޯރީއަތުންވެސް އެޓީމް ވަނީ ބަލިވެފައެވެ.
މެޗުގެ ފަށައިގެން ފުރަތަމަ ސެޓުގެ ކުރީކޮޅު ދެޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ގާތްގާތުގައި ސެޓުގެ މެދަކާ ހަމަޔަށް ދެޓީމްދިޔައީ މާބޮޑު ލީޑެއް ނެތި އެއްވަރެއްގައެވެ. ނަމަވެސް ސެޓުގެ ފަހުބައިގައި ރަތަފަންދޫއިން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ފުނާޑުން ވަނީ ބޮޑު ލީޑެއްގައި އޮވެ ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓު އެޓީމުން ކާމިޔާބު ކުރީ 25،13 އިންނެވެ.
ދެވަނަ ސެޓުފަށައިގެން ފުނާޑުން ކުޅެމުންދިޔައީ ވަރަށް އިތުބާރާއިއެކުއެވެ. މި ސެޓުގައި ރަތަފަންދޫ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކުތަކެއް ފެނިގެން ދިޔައިރު މާ އެދެވޭ ކުޅުމެއްފެނިގެން ގޮސްފައިނުވެއެވެ. މިސެޓު 25،12 ތަފާތުން ކާނިޔާބު ކޮށް ތިންވަނަ ސެޓުވެސް ބޮޑު ތަފާތަކުން ވަނީ ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު އެޓީމުން ކާމިޔާބު ކުރީ ވެސް 25،12 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުނާޑުގެ ބިދޭސީ ކުޅުންތެރިޔާ އީއެފް ރޯޒާ ރަސުލްބެކޮވާ (1) އެވެ. މި ކުޅުންތެރިޔާ ވަނީ މި މެޗުގައި މޮޅު ކުޅުމެއްދައްކާފައެވެ. ގައުމީ ޓީމްގެ ކުޅުންތެރިޔާ ޝާހާއާއިއެކު މި ދެ ކުޅުންތެރިންގެ ކޮންބިނޭޝަން މި މެޗުގައި ފާހަގަވެގެން ގޮސްފައިވެއެވެ.
މި މުބާރާތުގައި މިއަދު ހަވީރު އަންހެން ޑިވިޝަންގެ ފުނާޑު ވާދަކުރާނީ ފިޔޯރީއާއިއެވެ. އަދި ފިރިހެން ޑިވިޝަންގެ ރަތަފަންދޫ ވާދަކުރާނީ ފުވައްމުލަކު ދަނޑިމަގު ރެކްރިއޭޝަން ކުލަބާއިއެވެ. ފިރިހެން ޑިވިޝަންގެ މެޗު ރޭގަނޑު 20:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ހަވީރު މެޗް ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައެވެ.

