ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:30 އިން 15:30 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށް ފޯމު ބަލައިގަންނާނެއެވެ.
މިފަހަރުގެ އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކެންޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށްވުމެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކާއި އިދާރީ ފީ ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށެވެ. އަދި ކެންޑިޑެސީއާ ގުޅޭ އެންމެހާ މުޢާމަލާތްތައްވެސް ކުރިއަށްދާނީ މި ޕޯޓަލް މެދުވެރިކޮށެވެ.
މި އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައާއި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި، މާލެ ސަރަޙައްދުގައި 240 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގެ ދެ ޤައުމެއް ކަމަށްވާ ސްރީލަންކާ އަދި މެލޭޝިއާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އޭޕްރީލް މަހު ބާއްވާ މި އިންތިޚާބަކީ އިދާރީ ގިނަ ކަންކަން ޑިޖިޓަލައިޒް ކުރެވިގެން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރިއަށްގެންދާ އިންތިޚާބެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

