މި އަހަރު ފެށިގެން މިވީ ފުރަތަމަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 93,058 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 84,074 ފަތުރުވެރިންނާ އަޅާބަލާއިރު 10.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 76,982 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9,596 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި މަހުގެ ފުރަތަމަ 14 ދުވަހު އެވްރެޖުކޮށް ދުވާލަކު 7,158 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. އެގޮތުން 64,544 ފަތުރުވެރިން (69.4 އިންސައްތަ) ރިސޯޓްތަކުގައި މަޑުކޮށްފައިވާއިރު، ގެސްޓްހައުސްތަކަށް 23,699 ފަތުރުވެރިން (25.5 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ހޮޓާތަކަށް 2,689 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކަށް 2,042 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާއެވެ. އެ ގައުމުން 16,155 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 11,659 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 7,481 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކަށް މި ސިނާއަތް ފުޅާކޮށް، 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.

