އެކިކަހަލަ ޖަނަވާރު އުޅޭ ބޮޑު ބިޔަ ޖަންގައްޔެއްގެ ތެރެއަށް ވަދެގެން ދަނިކޮށް ޕޮޕްކޯން ހަދާ ވަސް ގަދައަށް ދުވަން ފެށުމުން ހައިރާން ނުވާށެވެ. ޖަންގައްޔެއްގައި ބަޔަކު ޕޮޕްކޯން ވިޔަފާރިއެއް ކުރަނީހޭ ހިތަށް ނާރުވާށެވެ. އަދި ޕޮޕްކޯން ކާހިތުން ލިބޭތޯ ހޯދަން ވެސް ނޫޅޭށެވެ، ސަބަބަކީ ޖަންގައްޔެއްގެ ތެރެއިން ޕޮޕްކޯން ހަދާ މީހަކު ނުފެންނާނެތީއެވެ.
ބިންޓުރޮންގް (Binturong) އަކީ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ޖަންގަލިތަކުގައި ދިރިއުޅޭ ވަރަށް ތަފާތު ޖަނަވާރެކެވެ. "ބެއަރކެޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޖަނަވާރަކީ އޭގެ ހަށިގަނޑުން ދުވާ މީރު ވަހެއްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޖަނަވާރެކެވެ.
ބިންޓުރޮންގް އުޅޭ ސަރަހައްދުން އަދި އޭތީގެ ގައިން ދުވާނީ ހަގީގީ ބަޓަރ ޕޮޕްކޯންގެ ވަހެވެ.
ކޮޕްކޯން ވަސްދުވާ ސަބަބު: ބިންޓުރޮންގްގެ ހަށިގަނޑުން ކޮޕްކޯން ވަސް ދުވަނީ އޭގެ ކުޑަކަމުދާ ތަކެތީގައި ހުންނަ ކެމިކަލް މާއްދާއެއް ކަމަށްވާ ‘2-އެސެޓައިލް-1-ޕައިރޮލިން’ (2-AP) ގެ ސަބަބުންނެވެ. މިއީ ހަމަ ކޮޕްކޯން ތައްޔާރު ކުރާއިރު ނުވަތަ ޕާން ފިހާއިރު އޭގެއިން މީރު ވަސް ދުއްވުމަށް މެދުވެރިވާ ސައިންޓިފިކް މާއްދާއެވެ. ދިރާސާވެރިން ބުނާ ގޮތުގައި މި މާއްދާ އުފެދެނީ ބިންޓުރޮންގްގެ ކުޑަކަމުދާ ތަކެތި އޭގެ ހަންގަނޑާއި ނުވަތަ ކެހެރީގައި ހުންނަ ބެކްޓީރިއާއާ އެކުވުމުންނެވެ.
މި ވަހުގެ ބޭނުން: ބިންޓުރޮންގް މި ވަސް ބޭނުން ކުރަނީ މައިގަނޑު ގޮތެއްގައި މުއާސަލާތު ކުރުމަށެވެ. މިއީ އެކަނިވެރިކޮށް ދިރިއުޅޭ ޖަނަވާރަކަށް ވުމުން، އެއް ޖަނަވާރު އަނެއް ޖަނަވާރަށް މެސެޖު ފޮނުވުމަށް މި ވަސް ބޭނުން ކުރެއެވެ. އެގޮތުން އޭގެ ސަރަހައްދު ފާހަގަ ކުރުމަށާއި، ބައިވެރިން ހޯދުމަށާއި، އަދި އެއީ ކޮން ކަހަލަ ޖަނަވާރެއްކަން އަންގައިދިނުމަށް ގަސްގަހުގެ ކުރިތަކުގައި މި ވަސް ޖައްސައެވެ. ކުޑަކަމުދާއިރު އޭގެ ނަގުލާއި ފައިގައި މި ތަކެތި އުނގުޅުމުން، ގަސްގަހުގައި ހިނގާއިރު ވަސް ދޫކުރަމުން ދެއެވެ.
ޖިސްމާނީ ސިފަތަކާއި އާއިލާ: ބިންޓުރޮންގް އަށް "ބެއަރކެޓް" އޭ ކިޔުނު ކަމުގައި ވިޔަސް، މިއީ ކެޓް (ބުޅާ) ނުވަތަ ބެއަރ އާއިލާގެ ސޫތްޕެއް ނޫނެވެ. މިއީ "ވިވަރިޑޭ" (Viverridae) އާއިލާގެ ޖަނަވާރެކެވެ. މީގެ އެންމެ ހާއްސަ އެއް ސިފަ އަކީ އޭގެ ވަރުގަދަ ނަގުލެވެ. މިއީ ފަސްވަނަ އަތެއްގެ ގޮތުގައި ބޭނުން ކުރެވޭ ނަގުލެކެވެ. މި ނަގުލުގެ އެހީގައި ގަސްގަހުގެ މަތީގައި ވަރަށް ފަސޭހައިން ހިފަހައްޓައިގެން އުޅެވެއެވެ.
ނެތިދިއުމުގެ ބިރު؛ މިހާރު ބިންޓުރޮންގް ވަނީ ނެތިދިއުމުގެ ބިރު އޮތް ޖަނަވާރުތަކުގެ ލިސްޓަށް އަރާފައެވެ. މީގެ މައިގަނޑު ސަބަބަކީ މިއަށް ދިރިއުޅެވޭނެ ޖަންގަލިތައް މަދުވުމާއި، ގަވާއިދާ ހިލާފަށް މި ތަކެތި ހިފައިގެން ވިޔަފާރިކުރުމެވެ. މި ހާއްސަ ޖަނަވާރު ހިމާޔަތްކުރުމަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.


