ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުޅުދުއްފާރު ސްކޫލުގެ އައު އިމާރާތް ނިންމުމަށް ކުރާ މަސައްކަތްތައް އާރުޑީސީގެ އެމްޑީ ބައްލަވާލައްވައިފި
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރ. ހުޅުދުއްފާރު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައްލަވާލައްވައިފިއެވެ.
އާރުޑީސީއިން ބުނެފައިވާ ގޮތުގައި، އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެ ކުންފުނިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމްޑީ ނަޡީމް ކުރެއްވި މި ޒިޔާރަތުގައި މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހުޅުދުއްފާރު ސްކޫލުގެ އައު އިމާރާތް ނިންމުމަށް ކުރާ މަސައްކަތްތައް އާރުޑީސީގެ އެމްޑީ ބައްލަވާލައްވައިފި
މި މަޝްރޫޢު ނިމުމުން ހުޅުދުއްފާރު ސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އާރުޑީސީއިން ފާހަގަކުރެއެވެ. މިއީ އެ ރަށުގެ ދަރިވަރުންނަށް އެކަށީގެންވާ އުނގެނުމުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މީގެ އިތުރުން، އާރުޑީސީއިން އަންނަނީ ރައްޔިތުންނަށް ފަސޭހަވާނެ ފަދަ ތަފާތު ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. މީގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫޢުތަކާއި، އިޖުތިމާއީ އެކި ބިނާތަކުގެ މަސައްކަތްތައް ހިމެނެއެވެ.

