ގއ. ގެމަނަފުށީގައި ތަރައްގީ ކުރަމުންދާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ސެލް ބްލޮކްގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތަކުގައި އާރްޑީސީގެ މުވައްޒަފުން ވަރަށް ބުރަކޮށް ހަރަކާތްތެރިވަމުންދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މިއީ ރަށްރަށުގެ އަމާންކަން ގާއިމުކުރުމަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ.
އާރްޑީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމުގެ ގިނަ މަޝްރޫއުތަކެއްގެ އިތުރުން، އުމްރާނީ ތަރައްގީގެ އެކި މަސައްކަތްތައް ކުރަމުންދާ ކުންފުންޏެކެވެ. ގެމަނަފުށީގައި މިހާރު ކުރިއަށްދާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން، އެ ރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

