ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަރވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ޚިދުމަތް ހިންގުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މާފަންނު ބަސް ޓާމިނަލުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި އިންޓަރވިއުތަކުގައި ޖުމްލަ 269 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ.
އެމްޓީސީސީން ވިދާޅުވީ ޑްރައިވަރުން ހޮވުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. ސަރުކާރުން މިފަދަ ޓެކްސީލައިނެއް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސީ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، އިތުބާރު ހުރި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
މި ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިން ސައިޒެއްގެ އިލެކްޓްރިކް (އީވީ) ކާރުތަކެކެވެ. ޚިދުމަތް ފެށުން ލަސްވަމުންދާ މައިގަނޑު ސަބަބަކީ ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް، ޚާއްޞަކޮށް ލޮނުގެ އަސަރު ކުޑަވާނެހެން އުޅަނދުތަކުގެ ފަރުމާއަށް ބަދަލުތަކެއް ގެންނަން ޖެހުމުން ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިހާރު އެ ބަދަލުތަކާއެކު އުޅަނދުތައް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
24 ގަޑިއިރު ޚިދުމަތް ލިބޭނެ މި ޓެކްސީލައިން ބިނާވެފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ އޫބާ އަދި ގްރޭބް ފަދަ އެޕްލިކޭޝަންތަކުގެ މޮޑެލްއަށެވެ. މިކަމަށްޓަކައި ޚާއްޞަ އެޕްލިކޭޝަނެއް ތަޢާރަފުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

