މި އަހަރުގެ ބަންދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މެލޭޝިއާ އަދި ތައިލެންޑަށް ކުރި ދަތުރުތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ކޮންމެ އަހަރެއްގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބައިނަލްއަގްވާމީ ދަތުރުތައް އިތުރުކުރާއިރު، މިއަހަރުގެ ދަތުރުތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ޗުއްޓީއާ ދިމާކޮށް ހުޅުވާލި ފުރުސަތުގައި ގިނަ ފްލައިޓްތައް ދަތުރުކޮށްފައިވަނީ ފުލްކޮށެވެ. ތައިލެންޑާއި މެލޭޝިއާގެ އިތުރުން، އިންޑިއާގެ ކޮޗިން، ޓްރިވެންޑްރަމް އަދި ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ވެސް މި މުއްދަތުގައި ހާއްސަ ދަތުރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބައިނަލްއަގްވާމީ ދަތުރުތަކުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވެސް ޗުއްޓީގައި ބޮޑު ބާރުބޮޑުވުމެއް އައިކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ. އެގޮތުން 500 އަށް ވުރެ ގިނަ ޑޮމެސްޓިކް ދަތުރު ކޮށްފައިވާއިރު، ސީޕްލޭންގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ށ. ފުނަދޫ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް ވެސް އެ ކުންފުނިން މިހާރު ވަނީ ނިންމާފައެވެ.
މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އަންނަ މާރިޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބަންގުލަދޭޝްއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ އިއުލާނުކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމުގެ މަސައްކަތް ވެސް ވަނީ މޯލްޑިވިއަނާ ހަވާލުކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވުމަށްފަހު، އެ ޓާމިނަލުން ބައިނަލްއަގްވާމީ ދަތުރުތައް ފެށި ފުރަތަމަ އެއާލައިނަކީ ވެސް ގައުމީ އެއާލައިން މޯލްޑިވިއަންކަން ފާހަގަކޮށްލެވެއެވެ.

