ގދ. ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ފުވައްމުލަކު ދަނޑިމަގު ޓީމުގެ މައްޗަށް ރަތަފަންދޫ ސްޕޯޓްސް ކުލަބުން ކުރި ހޯދައިފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު ރަތަފަންދޫ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 1-3 ސެޓުންނެވެ.
މެޗްގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 25-20 އިން ސެޓް ކާމިޔާބުކުރީ ރަތަފަންދޫ ސްޕޯޓްސް ކްލަބުންނެވެ. ރަތަފަންދޫ ޓީމުގެ ޖާޒީ ނަމްބަރ 9 އިސްމާއިލް ސާޖިދުގެ (ކާއްޓެ) ބާރު ހަމަލާތަކުން ޓީމުން ދިޔައީ ގިނަ ޕޮއިންޓްތަކެއް ސްކޯރ ކުރަމުންނެވެ.
އެހެންނަމަވެސް، ދެވަނަ ސެޓުގައި ދަނޑިމަގު ޓީމުން ނިންމި ރަނގަޅު ނިންމުންތަކާއެކު، ބޮޑު ލީޑަކުން 25-11 އިން ދަނޑިމަގު ޓީމު ވަނީ ސެޓު ހޯދާފައެވެ. މި ސެޓުގައި ދަނޑިމަގު ޓީމުގެ ޖާޒީ ނަމްބަރ 19 ޝަމާއިލް ހުސައިންގެ ކުޅުން ފާހަގަކުރެވިގެން ދިޔައެވެ. ޝަމާއިލް އަކީ މިހާރު ފިރިހެން ވޮލީ ޤައުމީ ޓީމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ.
ތިންވަނަ ސެޓުގައި ދެ ޓީމުން ވެސް އެއް ޓީމް އަނެއް ޓީމަށް ދޫދިނުމެއް ނެތި، އެއްވަރަކަށް ޕޮއިންޓް ހޯދަމުން ދިޔައެވެ. އެހެންނަމަވެސް، ފަހުވަގުތު ރަތަފަންދޫ ޓީމުން ރޭވުންތެރިކަމާއެކު ކުޅުނު ޕޮއިންޓްތަކުގެ ސަބަބުން 25-21 އިން ސެޓު ކާމިޔާބު ކުރީ ރަތަފަންދޫ ޓީމުންނެވެ. މި ސެޓުގައި ކާއްޓެ، ރިމާޒް، އަދި ޖުނައިދުގެ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ހަތަރުވަނަ ސެޓު ރަތަފަންދޫ ޓީމުން ފެށި ބޮޑު ލީޑާއެކު 25-13 އިން ރަތަފަންދޫ ޓީމުން ސެޓު ކާމިޔާބު ކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރަތަފަންދޫ ރެކްރިއޭޝަން ކްލަބްގެ ޖާޒީ ނަމްބަރ 9 އިސްމާއިލް ސާޖިދު (ކާއްޓެ) އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗެއް މާދަމާ ހަވީރު 16:30 ގައި ކުރިއަށް ދާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ފިޔޯރީ ފިރިހެން ޓީމާއި ފުވައްމުލަކު ދަނޑިމަގު ޓީމެވެ.

