އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކްގެ ޚިދުމަތް އަލުން ފަށައިފިއެވެ. މި ކްލިނިކަކީ މި ދުވަސްވަރު އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ ކްލިނިކެކެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފްލޫ ކްލިނިކަށް ދައްކަން އަންނަ ފަރާތްތަކުން ފުރަތަމަ ދާން ޖެހޭނީ އެ ހޮސްޕިޓަލުގެ އީ.އާރް ޓްރައިޖަށެވެ. އެތަނުން ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކުގެ ނަމްބަރެއް ނެގުމަށްފަހު، ބަލިމީހާ ދާންވީ ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށްތޯ ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބޭނެއެވެ. މި ޚިދުމަތްތައް ކުރިއަށްދާނީ އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.
މި ދުވަސްވަރަކީ ޢުމްރާގެ އަޅުކަމަށްފަހު ގިނަ ބަޔަކު ރާއްޖެ އެނބުރި އަންނަ ދުވަސްވަރަކަށް ވެފައި، ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ނޭވާލުމުގެ ނިޒާމުގެ ބަލިތައް އިތުރުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި ފްލޫ ކްލިނިކަކީ ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެންނަ މިންވަރުވެސް މި ދުވަސްވަރު ދަނީ އިތުރުވަމުންނެވެ.

