ގދ. ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ ފިރިހެން ޑިވިޝަންގެ ތިންވަނަ މެޗުގައި ފިޔޯރީ ޓީމުގެ މައްޗަށް ފުވައްމުލަކު ދަނޑިމަގު ޓީމުން ކުރި ހޯދައިފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު ފުވައްމުލަކު ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ފުވައްމުލަކު ދަނޑިމަގު ޓީމުން ވަނީ ފިޔޯރީ ޓީމަށް ހަމަޖެހިލާނެ ފުރުސަތެއް ނުދީ ބޮޑު ލީޑަކާއެކު 25-15 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ފިޔޯރީ ޓީމުން ގޭމުގެ ފޯރި ނުހިފި، ގިނަ ގޯސްތަކެއް ހެދުނުކަން ފާހަގަކުރެވުނެވެ.
އެހެންނަމަވެސް، ކަށިން ހިތްވަަރު ނެރެގެން ފިޔޯރީ ޓީމުން ދެވަނަ ސެޓުގައި ލީޑެއްގަ އޮއްވަ ފުވައްމުލަކު ދަނޑިމަގު ޓީމުން ވަނީ ފަހަތުން އަރައި ސެޓުގެ ލީޑު ހޯދާފައެވެ. 16-25 އިން މި ސެޓު ވެސް ކާމިޔާބުކުރީ ފުވައްމުލަކު ދަނޑިމަގު ޓީމުންނެވެ. މި ސެޓުގައި ފުވައްމުލަކު ޓީމުގެ ޖާޒީ ނަމްބަރު 18 ކަވިޝްކާގެ ކުޅުން ފާހަގަކުރެވިގެންދިޔައެވެ.
މެޗުގެ ތިންވަނަ ސެޓު ފެށިގެން ދެ ޓީމުން ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މާ ބޮޑު ލީޑެއް ނެތިވެ، ދެ ޓީމުން ވެސް ޕޮއިންޓް ސްކޯރ ކުރަމުން ދިޔައިރު، ފިޔޯރީ ޓީމުގެ އަލީ ހުޒާމް (ޖ.12)، އަބްދުالله މިހާދު (ޖ.5) އާއި ޖަގްދަތަރް ސިންގް (ޖ.11) ގެ މޮޅު ކުޅުމާއެކު ފިޔޯރީ ޓީމުން ވަނީ 25-22 އިން ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކުރީ ދަނޑިމަގު ޓީމުންނެވެ. 25-19 އިން މި ސެޓު ކާމިޔާބުކޮށް ދަނޑިމަގު ޓީމުން ވަނީ 1-3 ސެޓުން މުބާރާތުގެ ތިންވަނަ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަނޑިމަގު ޓީމުގެ ޖާޒީ ނަމްބަރ 18 ކަވިޝްކާ އެވެ.
މި މުބާރާތުގެ ރޭންކިންގ މެޗްތައް މިރޭ ފެށިގެންދާނެއެވެ. އެގޮތުން މިރޭ 20:30 ގައި އަންހެން ޑިވިޝަންގެ ފިޔޯރީ އަންހެން ވޮލީ ޓީމާއި ފުވައްމުލަކު ފުނާޑު އަންހެން ވޮލީ ޓީމް ބައްދަލުކުރާނެއެވެ.

