މާލޭގައި ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި 13،000 ޓަނުގެ ދެ ތާނގި ބެހެއްޓުމުގެ އަމަލީ މަސައްކަތް މިމަސް ތެރޭގައި ފެށިގެންދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، މާލޭގެ ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ބަހައްޓާ މި ދެ ތާނގީގެ ސަބަބުން ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ. މިއީ މިހާރު މާލޭގައި ފެން ރައްކާކުރުމުގެ ގާބިލްކަން ހުރި މިންވަރާ އެއްވަރުގެ އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ބިމުގެ ދަތިކަން އިންތިހާއަށް އެބަހުރި ކަމަށެވެ. “ތާނގި ޖެހުމަށް ލިބުނު ބިމަކީ ކުރީގެ ކުނިގޮނޑު ހުރި ސަރަހައްދު، މަސައްކަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި، ތިންވަނަ ފަހަރަށް މި ޑިޒައިން ބަދަލުކުރީ، މީގަ ސޭޕްޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ،” މަތީން ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މަތީން ވިދާޅުވި ގޮތުގައި މި ތާނގީތަކަކީ އެމެރިކާގައި އުފައްދާފައިވާ، ކޮލިޓީ ރަނގަޅު ތަކެއްޗެވެ. މީގެ ސަބަބުން ހިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވެ، މާލޭގެ ފެނުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން މަތީން ފާހަގަކުރެއްވިއެވެ. މި ވިއުގަ ނިމުމާއެކު ގަޑިއަކު 800 ޓަނުގެ ފެން ދެ ސިޓީގެ ދެމެދުގައި ދައުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ފެން އުފެއްދުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

