ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި، ބޭސް ވިއްކާ ފާމަސީތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ވާންޖެހޭނެއެވެ. އަދި ފާމަސީތަކުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލުންނަކީ ވެސް އެ އޮތޯރިޓީން ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. “ބޭސް ވިއްކުމުގެ ހުއްދަ” ނެތި ބޭސް ވިއްކުމާއި، ޕާމަސިސްޓް އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
ބޭސް ގަންނައިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ފާމަސީތަކުން ބޭސް ގަންނައިރު އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- ފާމަސީގައި ބޭސް ވިއްކުމުގެ ހުއްދަ ހަރުކޮށްފައިވޭތޯ ބެލުން.
- ބޭސް ދޫކުރަން ހުރި ފަރާތަކީ ހުއްދަ އޮތް ޕާމަސިސްޓެއްކަން އަންގައިދޭ އައިޑީ ކާޑު އަޅާފައިވޭތޯ ބެލުން.
- ބޭހުގެ މުއްދަތު ހަމަވާ ތާރީހު ކަށަވަރު ކުރުން.
- ބޭސް ބޭނުންކުރަންވީ އިރުޝާދު ސާފުކޮށް ލިޔެފައިވޭތޯ ބެލުން.
- ބޭސް ޕެކްކޮށްފައިވަނީ ރައްކާތެރި ގޮތަކަށްތޯ ބެލުން (މިސާލަކަށް ފިނީގައި ބަހައްޓަންޖެހޭ ބޭސްތައް އައިސް ޕެކާއެކު ދޫކުރުން).
އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި، ހުއްދަ އޮތް ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

