އައްޑޫ ސިޓީ ފޭދޫ ގެއަކުން ވަގަށް ނެގި ލަވް ބާޑުތަކެއް ހޯދައި ވެރި ފަރާތާ ހަވާލުކޮށްފި


ފުލުހުން ބުނި ގޮތުގައި ފޭދޫގެ ގެއަކުން ހަތަރު ލަވް ބާޑު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ގަމު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެ ރޭގެ ވަގުތެއްގައި އެ ދޫނިތައް ވަނީ ހޯދާފައެވެ. އަދި މިހާރު އެ ހަތަރު ދޫނި ވެސް ވަނީ އޭގެ ވެރިފަރާތާ ރައްދުކޮށްދީފައެވެ.
މި ފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 13 ކެޔޮގަނޑެއްގެ ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފައެވެ.
މީގެ އިތުރުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް މިދިޔަ މަހުގެ ތެރޭގައި ފުލުހުން އިއުލާނުކޮށްފައިވެއެވެ. އައްޑޫގެ އެކި އަވަށްތަކުގައި ހިނގަމުންދާ މިފަދަ ވައްކަމުގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.