މާލެ ކައިރިން މިއަދު ހެނދުނު ބަންޑުން ޖަހާލި މުދާ އުފުލާ ބޯޓެއްގެ ބައިތަކާއި އޭގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައިވަނީ “ބަލްމާ-6” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:27 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މި ބޯޓުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ސަލާމަތްކޮށްފައެވެ. ނަމަވެސް ގެއްލުނު އަނެއް ދެ މީހުން ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިން ފެނިފައިވާ ކަމަށެވެ. ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދިވެސް އިތުރު އެކަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

