މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެމީހުން ހުއްޓުވައި ބަލައިފާސްކުރީ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. ފުލުހުން ބަލައިފާސްކުރުމުގެ ތެރެއިން އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި / ޖަވާހިރުވިލާ، ޙުސައިން ޢާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިޢުމާ (43އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޢާމިރު ފަސް ދުވަހަށް އަދި އާމިނަތު ނިޢުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

