އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްގެ މަންމަ، އަފީފާ އަޙްމަދުމަނިކު (ގ. ކުދިރުވާލިގެ، ކ. މާލެ) މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފީފާ އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރަކީ 82 އަހަރެވެ.
އަފީފާގެ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އާއިލާއިން ވަނީ ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވަޒީރު ޑރ. އައިޝަތު ޝިހާމަށާއި އެކަމަނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، “ވަޒީރު ޑރ. އައިޝަތުގެ މަންމަ އަވަހާރަވުމާއި ގުޅިގެން އެ ވުޒާރާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އާއިލާއަށް ތައުޒިޔާ ދަންނަވާ” ކަމަށެވެ.

