ފިޔޯރީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްދާ ބީފާން ވޮލީ މުބާރާތުގެ ދެވަނަ ބުރުގައި ފުނާޑު އަދި ފިޔޯރީ ވާދަކުރި މެޗުން ފުނާޑު ކުރި ހޯދައިފިއެވެ.
މިމެޗު އެޓީމުން ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެޓީމް ވާދަކުރި މެޗުންވެސް ކުރި ހޯދީ އެކުވެރި ފުނާޑުއެެވެ. އެ މެޗު ފުނާޑުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
ދެވަނަ ބުރުގައި މި ދެޓީމް ވާދަކުރި މެޗު ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ސެޓުގެ 16 ޕޮއިންޓްގެ ލީޑުން ފުނާޑު ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ފެނުނީ ފިޔޯރީ ވަރަށް ރަނގަޅަށް ކުޅުނު ތަނެވެ. ވަކިން ހާއްސަކޮށް ގައުމީ ކެޕްޓަން ހައްވަ އަދި މާޖިދާގެ ރަނގަޅު ނިންމުންތަކެއް މި ސެޓުގައި ފެނުނެވެ. ސެޓު ފުނާޑުން ނާގާނެ ކަމަށް ބެލެވުނަސް ފަހު ޕޮއިންޓްތަކުގައި ރަނގަޅު ނިންމުންތަކެއް ނިންމައި 25،23 އިން ސެޓު ގެންދިޔައީ ފިޔޯރީންނެވެ.
ދެން ކުޅުނު ދެ ސެޓުގައި ފިޔޯރީ ޓީމްގެ އަމިއްލަ މިސްޓޭކްސްތަށް ގިނައެވެ. މި ދެ ސެޓު ނަގައި މެޗު 3،1 ސެޓުން ފުނާޑު ކާމިޔާބު ކުރިއެވެ. ތިންވަނަ ސެޓު އެޓީމުން ގެންދިޔައީ 25،17 އިންނެވެ.އަދި ހަތަރުވަނަ ސެޓު ގެންދިޔައީ 25،14 އިންނެވެ.
މުޅި މެޗުގައި އެންމެ ފާހަގަ ވީ އެކުވެރި ފުނާޑުގެ ބިދޭސީ ކުޅުންތެރިޔާ ރޯޒާ ރަސުލްބެކޮވާ ގެ މޮޅު ކުޅުމެވެ. ސާވިސްއިން ގިނަ ޕޮއިންޓް ނެގި އިރު ރިސީވިންގައި ވެސް މި ކުޅުންތެރިޔާގެ ކުޅުން ވަރަށްބޮޑަށް ފާހަގަ ވިއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޯޒާ އެވެ.

