ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މެޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލުގެ ރަސްމީ ކެމްޕޭން ޖަގަހަ މިރޭ ހުޅުވައިފިއެވެ.
ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވީއު ރެސްޓޯރެންޓް އިމާރާތުގެ ތިރީގައި ގާއިމުކޮށްފައިވާ މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން މަސައްކަތްތައް ރަސްމީކޮށް މި ފެށުނު ޖަގަހާއާއެކު އިތުރަށް ވަރުގަދަވެގެންދާއިރު، ކޮންގްރެސް ޕާޓީން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި ރަށްތަކެއްގައިވެސް ވަރަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. މި އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ފޯރިގަދަ ޕްރައިމަރީއަކަށް ފަހުގައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި 97 އިންސައްތައަށްވުރެ ގިނަ ގޮނޑިތަކަށް އެ ޕާޓީން ކެންޑިޑޭޓުން ނެރޭއިރު، މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ކައުންސިލު އިންތިހާބުގައި އެންމެ ގިނަ ދާއިރާއަށް އަދި ގޮނޑިތަކަށް ވާދަކުރާ ފަހަރެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ، “މޭޔަރަކު ލައިގެން ސިޓީ ކައުންސިލު ހިންގުމުގެ ނިޒާމަށް މާލެ ހިންގަަން 2011 ވަނަ އަހަރު ފެށުނު ފަހުން ދިހަ ވަރަކަށް އަހަރު ފާއިތުވީ މާލޭ ރައްޔިތުންނަށް ކައުންސިލުން އާރުލާ އެކަށީގެންވާ ހިދުމަތްތަކެއް ނުދެވި” ކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރެއްވީ 2022 ވަނަ އަހަރު މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިހާބުކުރި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސާ އަލީ ޖަލީލަކީ ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަދި ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކެމްޕޭން ޖަގަހަ ހުޅުވުމާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ޕީއެންސީގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

