އާބާދީގެ ނިސްބަތަށް ބަލާއިރު ވ. އަތޮޅަކީ މިހާރު ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތް އަތޮޅެއް ކަމަށް މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ތެލެސީމިއާގެ ހާލަތަށް ބަލާއިރު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.
އެމްބީއެސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން ޖުމްލަ 650 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި 18 މީހުންނާއެކު ދެވަނައަށް އެންމެ ގިނައީ ފ. އަތޮޅުގައެވެ. 43 މީހުންނާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ ލ. އަތޮޅެވެ. ވ. އަތޮޅުގައި އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ އެންމެ 3 މީހުންނެވެ.
ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން ވަނީ އަލަށް ދަފްތަރުގައި ހިމެނިފައެވެ.
ތެލަސީމިއާއަކީ މުޅި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔަކަށްވެފައި، ރާއްޖޭގައި މި ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު ގިނަވުމުން ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ސްކޫލު ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމާއި، ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ އަދަދު އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިދުމަތްތައް ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކޮށް، ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ވަނީ ފަށާފައެވެ.

