ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި، ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ކުއޭ ފާރުގައި ގާ އެތުރުމުގެ މަސައްކަތާއި އާ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫއުގެ ދަށުން ފުންކުރުމުގެ ބޮޑު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35,484.05 ކިއުބިކް މީޓަރުގެ އައު ހާބަރު ބޭސިން ފުންކުރުމުގެ އިތުރުން، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުން ހިމެނެއެވެ.
ބަނދަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ދަށުން، 219 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 2,198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ބަނދަރުކުރުމަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

