މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.
ބަލިތަކުގެ ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އައިޖީއެމްއެޗްއިން ވަނީ އެދިފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުން ހިމެނެއެވެ. މީގެ އިތުރުން ސާފިތާހިރުކަމަށް އިސްކަންދީ، ގަވާއިދުން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން މަދިރި އާލާވާ ފަދަ ފެންހަރުލާ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވެސް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވެސް އެދިފައިވެއެވެ.
ހުމާއި އަރިދަފުސް ރޯގާ ޖެހޭ ފަރާތްތަކަށް ފަސޭހައިން ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗްއިން މިހާރު ވަނީ ހާއްސަ ފުލޫ ކްލިނިކެއް ހުޅުވާފައެވެ. މި ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެއެވެ. މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
ފުލޫ ކްލިނިކަށް ވަޑައިގަންނަވާ ބަލިމީހުން ފުރަތަމަ ވަޑައިގަންނަވަން ޖެހޭނީ އީއާރް ޓްރައިޖަށެވެ. “ކިއުބީ ޓޯކެން ސިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ،” އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

