ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި މަހުގެ 27 ވަނަ ދުވަހު އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، ތަޢުލީމީ ވުޒާރާއިން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މުދައްރިސުންގެ މޫވްމަންޓެއް އުޅޭ ކަމަށެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކިވާ ބިދޭސީ މުދައްރިސުންގެ ބަދަލުގައި މީހުން ހޯދުމާއި، ދަރިވަރުންގެ އަދަދު އިތުރުވާ މިންވަރަށް ބަލައި މުދައްރިސުން އިތުރުކުރުން ހިމެނެއެވެ. ރާއްޖޭގައި މިހާރުވެސް 2000 އަށްވުރެ ގިނަ ބިދޭސީ މުދައްރިސުން މަސައްކަތް ކުރަމުންދެއެވެ.
މުދައްރިސުން ހަމަޖެއްސުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ސްޓޭންޑްބައިގައިވެސް ގިނަ އަދަދެއްގެ މުދައްރިސުން ތިބި ކަމަށެވެ. “150 އެއްހާ ޓީޗަރުންގެ މޫވްމަންޓެއް އުޅޭނެ ކޮންމެ އަހަރަކުވެސް. އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލް ހުޅުވޭ ދުވަހު މުދައްރިސަކު އިސްތިއުފާ ދިން ނަމަވެސް، ލަސްވެގެން 5 ދުވަސް ތެރޭގައި މުދައްރިސަކު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތާއި، ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމާއި، އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ. މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި 11،000 އަށްވުރެ ގިނަ މުދައްރިސުން އަންނަނީ ޚިދުމަތް ކުރަމުންނެވެ.
ދިވެހި މުދައްރިސުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ފަށާފައެވެ. މި މަސައްކަތުގެ ބޭނުމަކީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކުރުމެވެ.

