ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، އަމަލީ މަސައްކަތުގެ 68 އިންސައްތަ ފުރިހަމަވެފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރޮކް ބޯލްޑާ ރިވެޓްމެންޓް ޕްރޮފައިލިންގެ މަސައްކަތްތަކެވެ. މި މަސައްކަތަކީ ރަށުގެ ގޮނޑުދޮށް ގިރުމުން ސަލާމަތްކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަރުހަލާއެކެވެ.
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ 12,145 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 670 ކިއުބިކް މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، 7,800 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދަކަށް ވެލިއަޅާ، އެ ވެލިގަނޑު ހިމާޔަތްކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ކައިރިން 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެމްޓީސީސީން ދަނީ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

