ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދެމުންދާ ސްޓައިޕެންޑް ނުވަތަ އިނާޔަތް، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މުރާޖަޢާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ދަރިވަރުންނަށް ލިބޭ ފައިސާގެ މިންވަރު އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމެވެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
ފައިސާ ދޫކުރުމުގައި ދިމާވާ ލަސްތަކަށް ހައްލެއް
ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ދިމާވާ ލަސްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ފައިސާ ދޫކުރުމުގެ އިދާރީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ދެ މަސް ކުރިން ފަށާ ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ފައިސާ ލިބުން ލަސްވަނީ ދަރިވަރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވުމުގެ ސަބަބުންނާއި، މާލިއްޔަތު ޤަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ހޭދަވާތީކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރުވެސް ގާތްގަނޑަކަށް 75 އިންސައްތަ ދަރިވަރުންނަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ލިބެމުންދެއެވެ. އަދި ބާކީ ތިބި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް، އަވަހަށް ފައިސާ ފޯރުކޮށްދިނުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ދަރިވަރުންނަށް ޚާއްޞަ ހޮޓްލައިންގެ ޚިދުމަތް ފުޅާކުރުން
ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތައް އަވަހަށް ޙައްލުކުރުމަށްޓަކައި 50 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާ ޤައުމުތަކުގައި މިހާރުވެސް ޚާއްޞަ ހޮޓްލައިން ނަންބަރުތަކެއް ދަނީ ހިންގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން، 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ހުރިހާ ޤައުމުތަކަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހޮޓްލައިން ނަންބަރުތަކަކީ 24 ގަޑިއިރު ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި މަޢުލޫމާތު ފޯރުކޮށްދޭނެ ވަސީލަތްތަކެއް ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

