މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް، އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ) އެވެ.
ފުލުހުން ބުނި ގޮތުގައި ނަދީފް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު، މީހަކަށް ގުޅައި އޯޓީޕީ (OTP) ހޯދުމަށްފަހު އެމީހާގެ އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި ތަހުގީގެކެވެ.
މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ނަދީފް ވަނީ 29,600 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ. އަދި އޭގެ ތެރެއިން 24,700 ރުފިޔާ އެކި ފަހަރު މަތިން އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން 4,900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާވެސް ނަގާފައިވާކަން ވަނީ އެނގިފައެވެ.
ފުލުހުންގެ ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، ނަދީފް އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއެމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެކެވެ.
މި މައްސަލައާ ގުޅިގެން ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

