ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދިޔަ މުހިއްމު މަޝްރޫއެކެވެ. މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، 12,890 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކުރާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކުގެ އިތުރުން، ބަލި ދެނެގަތުމަށާއި ފަރުވާއަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓާއި ފަރުނީޗަރުވެސް ޗައިނާ ސަރުކާރުގެ އެހީގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރެވުމަކީ މަޝްރޫއުގެ މުހިއްމު މޭލުގަލެއް ކަމަށާއި، މިއީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. މިހާރު މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީތަކާއި ސާވޭތައް ނިމިފައިވާއިރު، ދެން އޮންނާނީ ބީލަމުގެ އުސޫލުން ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓާގައި ފެށޭނެއެވެ. ޗައިނާ ސަރުކާރުން އަންނަނީ ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރައީސް މުޢިއްޒުގެ ހާރިޖީ ސިޔާސަތުގެ ދަށުން ޗައިނާއާއެކު އޮންނަ ގުޅުން ވަނީ ބަދަހިވެ، ދަރަނި ދެއްކުމުގައިވެސް ލުއިތަކެއް ލިބިފައެވެ.

