މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި، ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކުން ބޭހުގެ ބާވަތްތައް ވިއްކަމުންދާ މައްސަލަ ހޫނުވެ، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އިދާރާއިން ދީފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކުމަކީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހާއްސަ ހުއްދަތަކެއް ނަގައިގެން އަދި ރަޖިސްޓްރީވެގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީން އެކުލަވައިލާފައިވާ “ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކުގެ ލިސްޓު” ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އެމްއެފްޑީއޭއަށް ފާހަގަކުރެވިފައިވާ ގޮތުގައި، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގްލުޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި ބައެއް ޕޭޖުތަކުން ދަނީ އިޝްތިހާރު ކުރަމުންނެވެ. މީގެ އިތުރުން ހަމުގެ މައްސަލަތަކަށް ބޭނުންކުރާ އަޒެލައިކް އެސިޑް އަކީ މޫނު އަލިކޮށްދޭ އެއްޗެއްގެ ގޮތުގައި ވިއްކަމުންދާކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
“މިފަދަ ބޭސްތަކަކީ ޑޮކްޓަރަކު ލިޔެދީގެން ނޫނީ ބޭނުންކުރުން އެކަށީގެންވާ ބޭސްތަކެއް ނޫން. ފާމަސީތަކުން ވެސް މި ބޭސްތައް ދޫކުރެވޭނީ ހަމައެކަނި ޑޮކްޓަރުގެ ބޭސް ސިޓީއަށް،” އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ޑޮކްޓަރެއްގެ ލަފައާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމުން އަންދާޒާ ނުކުރެވޭ ފަދަ ބޮޑެތި ސިއްހީ ނުރައްކާތަކާ ކުރިމަތިވެދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް ބޭސް އެތެރެކޮށް، އޮޅުވާލައިގެން އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

