ފިޔޯރީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްދާ ބީފާން ވޮލީ މުބާރާތުގެ ދެވަނަ ބުރުގައި ފުނާޑު އަދި ރަތަފަންދޫ ވާދަކުރި މެޗުން ފުނާޑު ކުރި ހޯދައިފިއެވެ.
މިމެޗު އެޓީމުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެޓީމް ވާދަކުރި މެޗުންވެސް ކުރި ހޯދީ އެކުވެރި ފުނާޑުއެެވެ. އެ މެޗު ފުނާޑުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. އެ މެޗު އެޓީމުން ކޮންމެ ސެޓެއްވެސް ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ.
އެހެންނަމަވެސް މިއަދުގެ މެޗުގެ ދެވަނަ ސެޓުގައި އެޓީމުން ވަނީ ފުނާޑަށް ޕްރެޝަރުކޮށްފައެވެ. ދެވަނަ ސެޓުގައި 22-22 އިން ދެޓީމް އެއްވަރުވެސް ވިއެވެ. އެހެންނަމަވެސް ފުނާޑުގެ ރަނގަޅު ނިންމުންތަކާއިއެކު އެ ސެޓު ރަތަފަންދޫއަށް ނެގޭ ގޮތެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ސެޓު ބޮޑު ތަފާތަކުން 25،8 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ފުނާޑުން ކާމިޔާބު ކުރީ 25،22 އިންނެވެ. ތިންވަނަ ސެޓު 25،14 އިން ނަގައި މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެކުވެރި ފުނާޑުގެ ޝަހާ އެވެ. ޝަހާ ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޝަހާ އަކީ ދިވެހިރާއްޖޭގެ އަންހެން ވޮލީޓީމްގެ މުހިންމު ކުޅުންތެރިޔެކެވެ.
މިމެޗުން ފުނާޑު މޮޅުވުމާއިއެކު ރޭންކިންގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމް ކަށަވަރު ވާނީ ފިޔޯރީ އަދި ރަތަފަންދޫ ވާދަކުރާ މެޗުންނެވެ. މި ދެޓީމް ފުރަތަމަ ބުރުގައި ކުޅުނު މެޗް ކާމިޔާކޮށްފައިވަނީ ފިޔޯރީންނެވެ.

