ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އިތުރުން ސިވިލް ސާވިސް މަގާމުތަކުން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މިހާރު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާ މީހުން އެކަން އަންގައިދިނުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު އެދިއްޖެއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރިޓަޔާމެންޓު އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ހިދުމަތުން ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބީ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފިނަމަ، އެ މީހަކު އަދާކުރާ ވަޒީފާ ނުވަތަ މަގާމުގެ މުއްދަތުގައި ރިޓަޔަމެންޓު އިނާޔަތް ނުލިބޭ ގޮތަށް ސިފައިންނާއި ފުލުހުންގެ އިތުރަށް ސިވިލް ސާވިސްގެ އުސޫލުތައް މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ރިޓަޔާމެންޓު އުސޫލުތަކަށް ގެނައި މި އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ހާމަކުރަމުން ޕެންޝަން އޮފީހުން ބުނީ، މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ރިޓަޔާކޮށްފައިވާ މީހުންނަށް ރިޓަޔާމެންޓު އިނާޔަތް ދިނުން މި މަހުން ފެށިގެން ހުއްޓައިލާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަލުން ރިޓަޔާމެންޓު އިނާޔަތް ލިބޭނީ މިހާރު އަދާކުރަމުންދާ މަގާމުން ވަކިވުމުން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، “ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން 2026 ޖަނަވަރީ މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން މިއޮފީހަށް އެ މައުލޫމާތު ހިއްސާކުރުމަށް ދަންނަވަން” ކަމަށެވެ.
ދައުލަތުގެ ހިދުމަތުން ރިޓަޔާކުރުމަށްފަހު އަލުން މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް، އެ މަގާމުގައި ތިއްބަވާ މުއްދަތުގައި ރިޓަޔާމެންޓު އިނާޔަތް ނުލިބޭ ގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މާލޭ ރައްޔިތުންނާއެކު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.

