އަތޮޅު ތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ފަށައިފިއެވެ. މިއީ ރަށްރަށުގައި ސިއްހީ ހިދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއަކީ ޖުމްލަ 65.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން މި އެމްބިއުލަންސްތައް ގެނައުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން، މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސްތަކެއް ވަނީ ރާއްޖެ ގެނެސްފައެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އަލަށް ގެނައި މި އެމްބިއުލަންސްތަކަކީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލަންސްތަކުގެ ބަދަލުގައި ފޯރުކޮށްދޭ އުޅަނދުތަކެކެވެ. މީގެ ސަބަބުން މިވަގުތު އެމްބިއުލަންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން، އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލަންސްތަކާއި، ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލަންސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޕީއެލް އިން މިހާރު ދަނީ ރާއްޖެ ގެނެސްފައިވާ އެމްބިއުލަންސްތައް ކަނޑައެޅިފައިވާ ރަށްތަކަށް ފޮނުވުމުގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. މި މަސައްކަތް ނިމުމާއެކު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގެ ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

