ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒް ޝޯ “ގޮޓް ޓެލެންޓް” ގެ ސްރީ ލަންކާ އެޑިޝަން ކަމަށްވާ “ސްރީ ލަންކާސް ގޮޓް ޓެލެންޓް” ގައި ދިވެހި ކުއްޖަކު ދެއްކި ހުނަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ޝޯގައި ހުނަރު ދައްކާލާފައިވަނީ ސްރީ ލަންކާގައި ދިރިއުޅެމުންދާ މާލެއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މަރްޔަމް މިސްކް އެވެ.
ޝޯގެ ފުރަތަމަ ބުރުގައި މިސްކް ހުށަހަޅައިދިނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ “ކައިސީ ޕަހޭލީ ޒިންދަގާނީ” މި ލަވަ އެވެ. މި ހުށަހެޅުމާއެކު ޝޯގެ ފަނޑިޔާރުންގެ ފަރާތުން މިސްކް އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ވަރަށް އިތުބާރާއެކު ލަވަ ހުށަހަޅައި، ފަނޑިޔާރުންގެ ވޯޓާއެކު މިސްކް ވަނީ މިހާރު ޝޯގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
މިސްކްގެ އާއިލާއިން ބުނި ގޮތުގައި، ޝޯގައި ލިބުނު ކުރިއެރުމާއި ފަނޑިޔާރުންގެ ފަރާތުން ލިބުނު ޕޮޒިޓިވް ކޮމެންޓްތަކުގެ ސަބަބުން މިސްކް ހުރީ ވަރަށް އުއްމީދާއެކުގަ އެވެ. މިއީ ބައިނަލްއަގްވާމީ މިފަދަ ބޮޑު ޕްލެޓްފޯމެއްގައި މިސްކް ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް އިތުރު ދިވެހި ކުއްޖަކު ވަނީ މި ޝޯގައި ބައިވެރިވެ ހުނަރު ދައްކާލާފަ އެވެ.
ގްރޭޑް އެކަކުން ފެށިގެން ލަންކާގައި ދިރިއުޅެމުންދާ މިސްކް މިހާރު ކިޔަވަމުންދަނީ ގްރޭޑް 12 ގަ އެވެ. އޭނާއަކީ ސްކޫލްގެ ހަރަކާތްތަކުގެ އިތުރުން، ލަންކާގައި ތިބޭ ދިވެހިންނަށް ޚާއްޞަކޮށްގެން ސޯސަން ވިލާގައި ބާއްވާ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅޭ ކުއްޖެކެވެ. އެގޮތުން ސޯސަން ވިލާގައި ބާއްވާ އިވެންޓްތަކުގައި މަދަހަ އާއި ޅެން ހުށަހެޅުމުގައި މިސްކް ފާހަގަކޮށްލެވެ އެވެ.
މިސްކްގެ އާއިލާގެ އުއްމީދަކީ މި ޝޯގައި އޭނާ ވީ އެންމެ ކުރިއަކަށް ދިއުމެވެ. ދެވަނަ ބުރުގައި މިސްކްގެ ހުށަހެޅުން ދައްކާނެ ތާރީޚެއް ޝޯ އިންތިޒާމުކުރާ ފަރާތުން އަދި އިއުލާނެއް ނުކުރެ އެވެ.

