ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން މިދިޔަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، 2024 ވަނަ އަހަރާ އަޅައިބަލާއިރު ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 39.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 35.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 39.8 ބިލިޔަން ރުފިޔާއާ ވަރަށް ގާތްކުރާ އަދަދެއް އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.6 ބިލިޔަން ރުފިޔާގެ ބަދަލުގައި ލިބިފައިވަނީ 415.2 މިލިޔަން ރުފިޔާ ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިޔަން ރުފިޔާ އިތުރަށް ލިބިފައެވެ. ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިޔަން ރުފިޔާ ލިބުނުއިރު، މީގެ ތެރެއިން ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި ލިބުނު 11.0 ބިލިޔަން ރުފިޔާއަކީ ކުރީ އަހަރާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އިތުރުވެ، ކުރީ އަހަރަށްވުރެ 24.0 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު 13.1 ބިލިޔަން ރުފިޔާގައި ހުރި އޯވަރޯލް ޑެފިސިޓް 2025 ވަނަ އަހަރު ނިމުނުއިރު 3.5 ބިލިޔަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މާލީ ހާލަތު ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސްއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. 2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސްއެއްގައި މާލީ އަހަރެއް ނިންމާލެވުނު ފަހަރުކަން މާލީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

