ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމަށް މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ހަސަން ޝާކިރު މުހައްމަދު މިއަދު އިންތިހާބުކޮށްފިއެވެ.
ޝާކިރު މި މަގާމަށް ހޮވިވަޑައިގަތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި އެކަޑެމީގެ ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
އެކަޑެމީގެ ރައީސްގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން، އެކަޑެމީގެ ނައިބުރައީސްގެ މަގާމަށް މިއަދު ހޮވިވަޑައިގަތީ ޒުލްފާ އިބްރާހީމް އެވެ. އެކަޑެމީގެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ އިޔާޒު ޖާދުﷲ ނަސީމް، އިބްރާހީމް ވަހީދު އަދި ފާތިމަތު އައްޒަ އެވެ.
ހަސަން ޝާކިރު މުހައްމަދަކީ ދަރިވަރެއްގެ ގޮތުގައި މައުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުން ފެށިގެން ލިޔުންތެރިކަމާއި ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ދިވެހި ޅެންވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވާފައެވެ. އަދި 2007 ވަނަ އަހަރު ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، 2022 ވަނަ އަހަރު ވަނީ ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ހާސިލުކުރައްވާފައެވެ.
އަދަބީ ދާއިރާގައި ޝާކިރު ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާއިރު، ޅެންވެރިކަން ދަސްކޮށްދެއްވުމާއި އަދަބީ މަސައްކަތްކުރާ ފަރާތްތަކަށް މަގުދައްކަވައި އެހީތެރިވެދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވައެވެ. މީގެ އިތުރުން ލިޔުންތެރިންގެ ޖަމްއިއްޔާ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވައި، އެ ޖަމްއިއްޔާގެ ނައިބުރައީސްކަން ދެ ދައުރެއްގެ މަތިން ވަނީ ފުރުއްވާފައެވެ.
ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. އަޝްރަފު އަބްދުއްރަހީމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝާކިރު އެކަޑެމީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ގަވާއިދު ބުނާގޮތުން އެކަޑެމީގެ ރައީސް ހޮވަނީ އެކަޑެމީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

